ނޫސް ބަޔާން

ޝާއިޢުކުރެވުނީ: 07 ޖުލައި 2019

2019 ޖުލައި 05 ވަނަ ދުވަހު ކޯޓު އަމުރެއް ތަންފީޛު ކުރުމަށް ފުލުހުން މ. އުޖާލާގެއަށް ވަދެ މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅޭ ގޮތުން ދަންނަވަމެވެ.

 

މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ ޤާނޫނު ނަންބަރު: 2015/27 "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނު" ގެ 6 ވަނަ މާއްދާގެ ދަށުން ކޮމިޝަނުގެ ޤާނޫނު ހިނގާ ފަރާތަކަށްވެފައި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނެ ޤާނޫނީ ރައްކާތެރިކަން ލިބިދިނުމާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުންގެ ޚިދުމަތާ ބެހޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި، ޔަޤީންކަން އިތުރުކުރުމަކީ ކޮމިޝަނުގެ މަޤްޞަދެއް ކަމަށް އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީ އާއި، ވަކި ފަރާތަކުން މައްސަލައެއް ހުށަހެޅުމަކާ ނުލައި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުންނާއި، އެ އިދާރާތަކުގެ މުވައްޒަފުން ޤާނޫނާއި، ޤަވާޢިދާ ޚިލާފު ޢަމަލެއް ހިންގައިފިކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ޢަމަލެއް ހިންގައިފިކަމަށް ޝައްކުކުރެވިއްޖެނަމަ، ވަކިފަރާތަކުން އެކަމެއް އެންގުމަކާ ނުލައި، އަމިއްލަ އިސްނެގުމުގައި ހޯދަންޖެހޭ ހޯދުންތައް ހޯދައި، ކުރަންޖެހޭ ތަޙްޤީޤްތައް ކުރުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމަށް އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީ، 2019 ޖުލައި 05 ވަނަ ދުވަހު ކޯޓު އަމުރެއް ތަންފީޛު ކުރުމަށް ފުލުހުން މ. އުޖާލާގެއަށް ވަދެ މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުކުރަމުންދާތީ އެ ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން މި ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ ކަމުގައި ދަންނަވަމެވެ.

 

އަދި މައްސަލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް އޮފިސަރެއް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށް މި ކޮމިޝަނުގެ ތަޙްޤީޤަށް ސާބިތުވެއްޖެނަމަ، އެ އޮފިސަރަކާމެދު މި ކޮމިޝަނުގެ ޤާނޫނުން ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދައްނަވަމެވެ. އަދި މި ކޮމިޝަނުން ކުރާ ތަޙްޤީޤާ ގުޅިގެން ޖިނާޢީ ދަޢުވާއެއް ކުރުމަށް ފެންނަނަމަ، ކޮމިޝަނުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖިނާޢީ ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ވާހަކަވެސް ދަންނަވަމެވެ.

 

އަދި މި މައްސަލައަކީ ކަމާގުޅޭ އިދާރާތަކުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކަށްވެފައި، މައްސަލާގައި ވަކި ގޮތެއް ނުނިމެނީސް، މައްސަލައާ ގުޅިގެން މީސްމީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯ އާއި، އެ މަންޒަރުތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުންނާއި، އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތްތަކުގެ ފޮޓޯ އެއްވެސް ފަރާތަކުން ދައުރުނުކުރުމަށް މި ފުރުޞަތުގައި ކޮމިޝަނުން އިލްތިމާޞް ކުރަމެވެ.

 

 

ނޫސް ބަޔާން