ނޫސް ބަޔާން

ޝާއިޢުކުރެވުނީ: 08 މާރިޗު 2019

 

ކުރީގެ ރައީސް ޔާމީނަށް ނުބައި އެއްޗެއް ކާންދީފައިވާކަމަށް އާއިލާއިން ތުހުމަތު ކޮށްފި ކަމަށްބުނެ، 7 މާރިޗު 2019 ވަނަ ދުވަހު މީޑިއާގައި ޢާއްމުވެފައިވާ ޚަބަރާއި ގުޅިގެން ދަންނަވަމެވެ.

 

 

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހުންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ކަމަށް ވެފައި، މީޑިއާގައި ޢާއްމުވެފައިވާ ތުހުމަތު ރައްދުވާ ފަރާތަކީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ކަމަށް ވީހިނދު، މިކަމަކީ ޢާއްމުން ކަންބޮޑުވާނެކަމެއް ކަމުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ދެކެމެވެ.

 

 

މީޑިއާގައި އާއްމުވެފައިވާ މި ޚަބަރުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ކުރެވިފައިވާ މި ތުހުމަތާގުޅޭ މަޢުލޫމާތު ހޯދުމަށް 8 މާރިޗު 2019 ވަނަ ދުވަހު މި ކޮމިޝަނުގެ ފަރާތުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ބައްދަލުކޮށް ކަމާބެހޭ މަޢުލޫމާތު ހޯދިއިރު، ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެފަދަ އެއްޗެއް ފަރިއްކުޅުއްވިގެން އެކަމުގެ ޝަކުވާއެއް ކޮށްފައި ނުވާނެކަމަށާއި، އެފަދަ ކަމަކާ ގުޅިގެން ޑޮކްޓަރަށް ދައްކަވާފައި ވެސް ނުވާނެކަމަށާއި، އަދި އެމަނިކުފާނުގެ އާއިލާއިންވެސް އެފަދަ ތުހުމަތެއްކުރިކަން އެގިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ ކޮމިޝަނަށް މަޢުލޫމާތު ދެއްވާފައި ވާތީއާއި، އެމަނިކުފާނުގެ ފަރިއްކޮޅުގެ ކަންކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށް ގެންދަވާގޮތް ރަނގަޅުކަމަށް ވިދާޅުވެފައިވާކަމާއި، އެކަމާމެދު ޝަކުވާއެއް ކުރައްވަން ބޭނުންފުޅު ނުވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނުބައި އެއްޗެއް ކާންދީފައިވާކަމަށް އާއިލާއިން ތުހުމަތުކުރާކަމަށްބުނެ، 7 މާރިޗު 2019 ވަނަ ދުވަހު މީޑިއާގައި ޢާއްމުވެފައިވާ ޚަބަރަކީ ޙަޤީޤަތާ ޚިލާފު ޚަބަރެއްކަމުގައި މި ކޮމިޝަނުން ދެކެމެވެ.

 

 

ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނެ ޤާނޫނީ ރައްކާތެރިކަން ލިބިދިނުމާއެކު، ޤާނުނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުންގެ ޚިދުމަތާ ބެހޭގޮތުން ޢާއްމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އިތުރުކުރުމަކީ ޤާނޫނު ނަންބަރު 2015/27 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ އެ ޤާނޫނުގެ މަޤްޞަދެއްކަމަށް ވީހިނދު، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ޚިދުމަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ކުޑަވާގޮތަށް، މިފަދަ ހަޤީޤަތެއްނެތް ތުހުމަތުތައްކޮށް، ޚަބަރުތައް ޢާއްމުކުރުމަކީ މިކޮމިޝަނުން ކަންބޮޑުވާކަމެކެވެ.


 

 

ނޫސް ބަޔާން