ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނަށާއި ބ. ދަރަވަންދޫ ޕޮލިސް ޑެސްކަށް ޒިޔާރަތްކޮށް، އެ ދެ ރަށުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގައިފި

ޝާއިޢުކުރެވުނީ: 09 ޖޫން 2022

ކޮމިޝަނުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 2022 ޖޫން 5 އިން 7 އަށް ކޮމިޝަނުގެ ޓީމެއް ބ.އޭދަފުއްޓަށާއި ބ.ދަރަވަންދޫ އަށް ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތުގައި އޭދަފުށީ ޕޮލިސް ސްޓޭޝަނަށާއި، ދަރަވަންދޫ ޕޮލިސް ޑެސްކަށް ކޮމިޝަންގެފަރާތުން ޒިޔާރަތްކޮށް އެ ތަންތަނުގެ މަސައްކަތް ހުރިނެތްގޮތް ބެލުމާއި އެތަންތަނުގެ ހާލަތާއި، މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެވުނެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ކޮމިޝަންގެ މަސައްކަތްތަކާއި މަސްއޫލިއްޔަތު އަދި މަސައްކަތް ހިނގަމުންދާ ގޮތާބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޙަރަކާތެއް ބ. އަތޮޅު އޭދަފުށި އަދި ދަވަންދޫގައި ހިންގުނެވެ. މި ޙަރަކާތުގައި އޭދަފުށީގައި މަސައްކަތްކުރާ ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް ކޮމިޝަނާގުޅޭ މަޢުލޫމާތު ދިނުމާއި، ބ އަތޮޅު މަދަރުސާގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ.

މީގެ އިތުރުން، ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލް އަދި ބ. ދަރަވަންދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށް ކޮމިޝަނާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ބ. އަތޮޅުގެ ރަށްރަށުގައި ތަންފީޒީ އިދާރާތަކުގެ ޚިދުމަތްތައް ދެވެމުންދާ ގޮތާބެހޭގޮތުން މަޢޫލޫމާތު ހޯދުނެވެ.

މި ދަތުރުގައި ކޮމިޝަނުގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަންގެ މެންބަރު ކާނަލް (ރޓޑ) އަޙްމަދު ޖިހާދެވެ.