ގ. ކީމާ، ޢަބްދުﷲ ރަޝީދު ނިޔާވި މައްސަލަ ކޮމިޝަނުން އިސްނަގައިގެން ތަޙްޤީޤްކުރަން ފަށައިފި

ޝާއިޢުކުރެވުނީ: 18 އޮކްޓޫބަރު 2017

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ ޤާނޫނު ނަންބަރު: 2015/27 "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނު" ގެ 6 ވަނަ މާއްދާގެ ދަށުން ކޮމިޝަނުގެ ޤާނޫނު ހިނގާ ފަރާތަކަށްވެފައި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނެ ޤާނޫނީ ރައްކާތެރިކަން ލިބިދިނުމާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުންގެ ޚިދުމަތާ ބެހޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި، ޔަޤީންކަން އިތުރުކުރުމަކީ ކޮމިޝަނުގެ މަޤްޞަދެއް ކަމަށް އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީ އާއި، ވަކިފަރާތަކުން މައްސަލައެއް ހުށަހެޅުމަކާނުލައި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުންނާއި، އެ އިދާރާތަކުގެ މުވައްޒަފުން ޤާނޫނާއި، ޤަވާޢިދާ ޚިލާފު ޢަމަލެއް ހިންގައިފިކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ޢަމަލެއް ހިންގައިފިކަމަށް ޝައްކުކުރެވިއްޖެނަމަ، ވަކިފަރާތަކުން އެކަމެއް އެންގުމަކާނުލައި، އަމިއްލަ އިސްނެގުމުގައި ހޯދަންޖެހޭ ހޯދުންތައް ހޯދައި، ކުރަންޖެހޭ ތަޙްޤީޤްތައް ކުރުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމަށް އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ކ. މާފުށި ޖަލުގައި ހުކުމް ތަންފީޛުކުރަމުންދިޔަ ގ. ކީމާ، ޢަބްދުﷲ ރަޝީދު ނިޔާވުމާގުޅިގެން އެކިފަރާތްތަކުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި، އެ ސަރވިސްގެ މުވައްޒަފުންނަށް ތުހުމަތުކޮށް އެކިގޮތްގޮތަށް ވާހަކަދެކެވެމުންދާތީ، ޢަބްދުﷲ ރަޝީދު ނިޔާވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިހުމާލެއްވޭތޯ ބެލުމަކީ މުހިއްމު ކަމެއްކަމަށް ކޮމިޝަނަށް ފެންނާތީ، އެ މައްސަލަ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގައި ތަޙްޤީޤް ކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ. އެ މައްސަލަ ތަޙްޤީޤް ކުރުމަށް ކޮމިޝަނުން ނިންމާފައިވަނީ 2017 އޮކްޓޫބަރު 17 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ މެންބަރުންގެ ބައްދަލުވުމެއްގައެވެ.