ކޮމިޝަނުގެ ދައުރު
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ތަފާތު ދާއިރާތަކުގައި މަސައްކަތް ކޮށްފައިވާ ޤާބިލު ބޭފުޅުން ހިމެނޭ ގޮތަށް، 2015 ސެޕްޓެމްބަރު 6 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް 5 އަހަރު ދުވަހަށް މަޖިލީހުގެ ރުހުމާއެކު އައްޔަންކޮށްފައިވާ ކޮމިޝަނެކެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިޘިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.
މި ޤާނޫނު ހިނގާނީ އަންނަނިވި ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށެވެ.
- ޤާނޫނު ނަންބަރު: 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ކަސްޓަމްސް ސަރވިސް؛
- ޤާނޫނު ނަންބަރު: 5/2008 (ފުލުހުންގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސް؛
- ޤާނޫނު ނަންބަރު: 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޮލްގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ކެރެކްޝަނަލް ސަރވިސް؛
- ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އިން އުފައްދާފައިވާ މޯލްޑިވްސް އިމިގްރޭޝަން.