ގްލޯބަލް އިންޓެގްރިޓީ ޑޭ 2026 ފާހަގަކުރުން
ކޮންމެ އަހަރެއްގެ ވެސް 9 ޖޫން އަކީ ދުނިޔޭގެ އިންޓެގްރިޓީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސްކަމުން، މިއަހަރުގެ ގްލޯބަލް އިންޓެގްރިޓީ ޑޭ ފާހަގަކުރުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން ޚާއްޞަ ޙަރަކާތްތަކެއް ހިންގައިފިއެވެ. ޖޫން 9 ން 15 އަށް ކުރިއަށް ގެންދިޔަ މި ޙަރަކާތްތަކުގެ ތެރޭގައި، އިންޓެގްރިޓީ ޓޯކް ގެ ނަމުގައި ރޭޑިއޯއާއި ޓީވީ މެދުވެރިކޮށް ކޮމިޝަންގެ މަސައްކަތްތަކާގުޅޭގޮތުން މަޢުލޫމާތު ފެތުރުމާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްޞަކޮށްގެން އިންޓެގްރިޓީ ރަން އެއް ބޭއްވުމާއި، ލޭހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވެއެވެ.
މި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވެއެވެ. އޭގެތެރޭގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ އާއި ރިވައިވް ފިޓްނެސް ގެ ފަރާތުން ފޯރުކޮށްދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. އަދި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން މި ޙަރަކާތުގައި ބައިވެރިވެ އެހީތެރިވެދެއްވާފައި ވާއިރު، މި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް މޯލްޑީވްސް ރެޑްކްރެސެންޓާއި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ، ޓްރެފިކް ޕޮލިސް ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަން ފާހަގަ ކުރެވިފައިވެއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި، ސަން މީޑިއާ ގްރޫޕުގެ ފަރާތުން ވެސް މި ޙަރާކާތްތަކުގައި އެހީތެރިވެ ދެއްވާފައިވެއެވެ.
މި ޙަރަކާތްތައް ހިންގުމުގެ ބޭނުމަކީ ޤާނޫނު ތަންފީޛުކުރުމުގައި އިޚްލާޞްތެރިކަން އިސްކޮށް، އެކަމަށް ހޭލުންތެރިކަން އިތުރުކުރުމާއެކު، ޤާނޫނު ތަންފީޒުކުރުމުގައި ގުޅިގެން މަސައކަތް ކުރުމަށް ހިތްވަރުދިނުމެވެ. އަދި ޤާނޫނު ތަންފީޒުކުރުމުގައި އިންޓްރިޓީގެ މުހިންމުކަމާއި، އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މަސައްކަތާގުޅޭގޮތުން މަޢުލޫމާތު ފަތުރައި، އާއްމު ހޭލުންތެރިކަން އިތުރުކުރުމެމެވެ. އަދި އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެ، މުޖުތަމަޢުގައި ބޭނުންޖެހިފައިވާ ފަރާތްތަތަކަށް އެހީތެރިކަން ފޯރުކޮށްދިނުން، މިދުވަސް ފާހަގަކުރުމުގެ ބޭނުންތަކުގެ ތެރޭގައި ތެރޭގައި ހިމެނެއެވެ.