ރަސްމީ ގަޑި: އާދީއްތަ - ބުރާސްފަތި: 08:00 - 14:00

ކޮމިޝަނުގެ މަސްއޫލިއްޔަތުތައް

ކޮމިޝަނުގެ މަސްއޫލިއްޔަތުތައް

ކޮމިޝަނުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙުޤީޤުކުރުމާއި، އެފަދަ ޢަމަލެއްކަމަށް ބަލައި ތަޙުޤީޤުކުރުމާއި، އެފަދަ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙުޤީޤުކުރުން؛

(ށ) މައްސަލައެއް ވަކިފަރާތަކުން ހުށަހެޅުމަކާ ނުލައި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުންނާއި އެ އިދާރާތަކުގެ މުވައްޒަފުން ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއް ހިންގައިފިކަމުގެ މައުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ޢަމަލެއް ހިންގައިފިކަމަށް ޝައްކުކުރެވިއްޖެނަމަ، ވަކިފަރާތަކުން އެކަމެއް އެންގުމަކާ ނުލައި، ވަކިފަރާތަކުން އެ މައުލޫމާތު ލިބުމަކާ ނުލައި، އަމިއްލަ އިސްނެގުމުގައި ހޮދަންޖެހޭ ހޯދުންތައް ހޯދައި، ކުރަންޖެހޭ ތަޙުޤީޤުތައް ކުރުން؛

(ނ) ކޮމިޝަނުގެ އޮފިސަރަކު ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކުރާކަމަށް ނުވަތަ އޭނާގެ އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ބުނެ އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ އެކަމެއްބަލައި، ތަޙުޤީޤުކޮށް ފިޔަވަޅުއެޅުން؛

(ރ) ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލާ މައްސަލަތަކާއި ޤާނޫނު ތަންފީޛުކުރާ އިދާރާ ހިންގުމާ އެއިރަކު ޙަވާލުވެ ހުންނަވާ ވަޒީރަކު ހުށަހަޅާ މައްސަލަތައް ތަޙުޤީޤުކޮށް، ކަމާބެހޭ ރިޕޯޓު އަދި ފެންނަގޮތް ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ހުށަހެޅުން؛

(ބ) ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެން ޖިނާއީ ދަޢުވާއެއް ކުރުމަށް ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރިޔަށް ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ޕްރޮސިކިއުޓަރ ގެނެރަލްގެ އޮފިހަށް ހުށަހެޅުން؛

(ޅ) ކޮމިޝަނުން ތަޙުޤީޤުކުރާ ކަންތައްތަކުގެ ތެރެއިން ދަޢުލަތުގެ އެހެން އިދާރާތަކުން އިތުރަށް ބަލައި ސާފުކުރަންޖެހޭ ކަންތައްތައް އެފަރާތްތަކަށް ހުށަހަޅައިގެން ސާފުކުރުމާއި، ކަމާގުޅޭގޮތުން ދަޢުލަތުގެ އިދާރާތަކަށް އަންގަންޖެހޭ ކަންކަން އެ އިދާރާތަކަށް އެންގުން؛

(ކ) ކޮމިޝަނަށް ހުށްހެޅޭ މައްސަލަތަކާއި ގުޅިގެން ކުރެވޭ ތަޙުޤީޤުތަކުގައި އެފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގައި ޢަމަލުކުރެވޭ އުސޫލަކަށް ނުވަތަ ގަވާއިދަކަށް ބަދަލުގެންނަން ކޮމިޝަނަށް ފެންނަނަމަ އެކަމާބެހޭ ލަފާ ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ދިނުން؛

(އ) ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މަސައްކަތްތައް ހިނގަމުންދަނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންކަން ބެލުމަށްޓަކައި ޕޮލިސް ސްޓޭޝަންތަކަށާއި ޖަލުތަކާއި އެކި އިދާރާތަކަށް ޒިޔާރަތްކޮށް، އިޞްލާޙު ގެންނަންޖެހޭ ކަންތައްތައް ފާހަގަކޮށް، އެ އިޞްލާޙު ހުށަހެޅުން؛

(ވ) ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުންގެ އިޚްލާޞްތެރިކަން ކުރިއަރުވައި، އެ އިދާރާތަކުގެ މުވައްޒަފުން ކުށްކުރުމަށް އަރައިގަތުން ހުއްޓުވުން؛

(މ) ކޮމިޝަނުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި މަސައްކަތުގެ ދާއިރާއާއި އެ ކޮމިޝަނުގެ މެންބަރުންގެ ސުލޫކީ ހަމަތަކާއި އެ ކޮމިޝަން ހިންގާނެގޮތުގެ އުސޫލުތަކާއި ވާޖިބުތައް އަދާކުރާނެގޮތުގެ އުސޫލުތަކާއި ވާޖިބުތައް އަދާކުރާނެގޮތުގެ އުސޫލުތައް ބަޔާންކުރުން؛

(ފ) ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި ބޭރުގެ ސަރުކާރުތަކާއި ސަރަޙައްދީ ޖަމާޢަތްތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ގުޅުން އުފެއްދުމާއި، އެ ގުޅުމުގެ ތެރެއިން ރާއްޖެއަށް ފައިދާހުރި ކަންކަމުގައި އެހީތެރިކަމާއި، މަދަދާއި އެއްބާރުލުން ލިބޭނެ ގޮތްތައް ހޯދައި، އެކަންކަމާ ގުޅޭގޮތުން އެއްބަސްވާންޖެހޭ ކަންކަމަށް އެއްބަސްވުމާއި، ޢަމަލުކުރަންޖެހޭ ކަންކަމަށް ޢަމަލުކުރުން؛

(ދ) ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތަކަށް އިޞްލާޙުގެނައުމާއި، ބަދަލުގެނައުމާއި، އަދި އެ ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި ދަޢުލަތުގެ އިދާރާތަކުގައި އެކުލަވާލައި ހިންގަންޖެހޭ ޕްލޭންތަކާއި މަޝްރޫޢުތަކާއި އުސޫލުތަކާއި ހަމަތައް ތަޢާރަފުކޮށް ހިންގުމާއި، ކަމާގުޅޭގޮތުން، ދަޢުލަތުގެ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި އުސޫލުތަކާއި ހަމަތަކާ ގުޅޭގޮތުން އެފަރާތްތަކަށް ދޭންޖެހޭ ލަފާދިނުމާއި، ހުށަހްޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމާއި، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އެކަންކަމަށް ޢަމަލުކުރެވެމުންދާ ގޮތް ބަލައި، ނަތީޖާ ނެރެދޭ މިންވަރު ވަޒަންކުރަމުން ދިޔުން؛

(ތ) ސެމިނާތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، އެހެނިހެން ޕްރޮގްރާމްތައް ހިންގައިގެން ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ހިންގޭގޮތާއި ބާވަތާއި އެފަދަ ޢަމަލުތައް ހިންގުމަށް މެދުވެރިވާ ސަބަބުތައް ހޯދައި ދިރާސާތައް ކުރުމާއި، އެ ދިރާސާތައް ހާމަކޮށް ޝާއިޢުކުރުން؛

(ލ) ކޮމިޝަނުގެ މަސައްކަތްތައް ހިނގާދިޔަގޮތުގެ މައްޗަށް އެކުލަވާލެވޭ އަހަރީރިޕޯޓެއް، އަހަރަކު އެއްފަހަރު، ޢާންމުކޮށް ޝާއިޢުކުރުން.