ރަސްމީ ގަޑި: އާދީއްތަ - ބުރާސްފަތި: 08:00 - 14:00

ކޮމިޝަންގެ ދައުރާއި މަޤްސަދު

ކޮމިޝަންގެ ދައުރާއި މަޤްސަދު

ކޮމިޝަންގެ ދައުރު:

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ތަފާތު ދާއިރާތަކުގައި މަސައްކަތް ކޮށްފައިވާ ޤާބިލު ބޭފުޅުން ހިމެނޭ ގޮތަށް، 2015 ސެޕްޓެމްބަރު 6 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް 5 އަހަރު ދުވަހަށް މަޖިލީހުގެ ރުހުމާއެކު އައްޔަންކޮށްފައިވާ ކޮމިޝަނެކެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިޘިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.

މި ޤާނޫނު ހިނގާނީ އަންނަނިވި ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށެވެ.

  • - ޤާނޫނު ނަންބަރު: 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ކަސްޓަމްސް ސަރވިސް؛
  • - ޤާނޫނު ނަންބަރު: 5/2008 (ފުލުހުންގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސް؛
  • - ޤާނޫނު ނަންބަރު: 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޮލްގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ކެރެކްޝަނަލް ސަރވިސް؛
  • - ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އިން އުފައްދާފައިވާ މޯލްޑިވްސް އިމިގްރޭޝަން.

ކޮމިޝަންގެ މަޤްސަދު:

  • - ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙުޤީޤުކުރުމާއި، އެފަދަ ޢަމަލެއް ހިންގައިފިކަމަށް ތުހުމަތުކުރެވިއްޖެނަމަ، އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އަދި ހުށަނޭޅިނަމަވެސް އަމިއްލައަށް އިސްނަގައިގެންވެސް އެކަމެއް ބަލައި ތަޙުޤީޤުކުރުން؛
  • - ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނެ ޤާނޫނީ ރައްކާތެރިކަން ލިބިދިނުމާއެކު، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުންގެ ޚިދުމަތާ ބެހޭގޮތުން ޢާންމު ރައޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އިތުރުކުރުން؛
  • - ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތަކަށް އިޞްލާޙުގެނައުމާއި، ބަދަލުގެނައުމާއި، އެ ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކުގައި އެކުލަވާލައި ހިންގަންޖެހޭ ޕްލޭންތަކާއި މަޝްރޫޢުތަކާއި އުސޫލުތަކާއި ހަމަތައް ތަޢާރަފްކޮށް ހިންގުމާއި، ކަމާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތކާއި އުސޫލުތަކާއި، ހަމަތަކާ ގުޅޭގޮތުން އެފަރާތްތަކަށް ދޭންޖެހޭ ލަފާދިނުމާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމާއި، އަންގަންޖެހޭ އެނަގުންތައް އެންގުމާއި، އެކަންކަމަށް ޢަމަލުކުރެވެމުންދާ ގޮތް ބަލައި، ނަތީޖާ ނެރެދޭ މިންވަރު ވަޒަން ކުރަމުން ދިޔުން؛
  • - މައްސަލައެއް ވަކިފަރާތަކުން ހުށަހެޅުމަކާ ނުލައި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުންނާއި އެ އިދާރާތަކުގެ މުވައްޒަފުން ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ހިންގައިފިކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކުށެއް ހިނގައިފިކަމުގެ މައްޗަށް ޝައްކުކުރެވިއްޖެނަމަ، ވަކިފަރާތަކުން އެކަމެއް އެނަގުމަކާ ނުލައި، ވަކިފަރާތަކުން އެ މަޢުލޫމާތު ލިބުމަކާ ނުލައި، އަމިއްލަ އިސްނެގުމުގައި ހޯދަންޖެހޭ ހޯދުންތައް ހޯދފައި، ކުރަންޖެހޭ ތަޙްޤީޤުތައް ކުރުމާގުޅޭ އިޖުރާއަތުތައް އެކުލަވާލުން؛
  • - ކޮމިޝަނުގެ ބާރުތަކާއި މަސްއޫލއްޔަތުތަކާއި މަސައްކަތުގެ ދާއިރާއާއި އެ ކޮމިޝަނުގެ މެންބަރުންގެ ޝަރުތުތަކާއި ސުލޫކީ ހަމަތަކާއި އެ ކޮމިޝަން ހިންގާނެގޮތުގެ އުސޫލުތަކާއި ވާޖިބުތައް އަދާކުރާނެގޮތުގެ އުސޫލުތައް ބަޔާންކުރުން؛
  • - ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޤާނޫނު ނެގެހެއްޓުން އިތުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.