ރަސްމީ ގަޑި: އާދީއްތަ - ބުރާސްފަތި: 08:00 - 14:00

ކޮމިޝަންގެ ބާރުތައް

ކޮމިޝަނުގެ ޢާންމު ބާރުތައް

މި ޤާނޫނުގެ 2 ވަނަ މާއްދާގައި ޤާނޫނުގެ މަޤްޞަދުތައް ކަމުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި އަންނަނިވި ކަންކަން ހިމެނޭގޮތަށް، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ކޮމިޝަނުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.

  • (ހ) ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ބޭނުންވާ އެންމެހައި ސާމާނާއި ވަސީލަތާއި އާލަތްތައް ހޯދައި، ގެންގުޅެ، އެތަކެތީގެ ބޭނުން ހިފުން؛
  • (ށ) ކޮމިޝަނުން އެކިއެކި މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި، ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި، މި ޤާނޫނަށް ޢަމަލުކުރުމުގައި ގެންގުޅޭނެ އުސޫލުތައް އެކުލަވާލުން؛
  • (ނ) ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެން ޖިނާއީ ދަޢުވާއެއް ކުރުމަށް ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި އެކަން ތަޙުޤީޤުކޮށް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން؛
  • (ރ) ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅިގެން ޓާސްކް ފޯސްތައް އުފެއްދުމާއި، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ފަންނީ އެހީތެރިންގެ ގޮތުގައި ކަމާގުޅޭ ދާއިރާތަކުގެ އެހީތެރިކަން ހޯދުން؛
  • (ބ) ހެކިންގެ ގޮތުގައި ޙާޟިރުކުރަންޖެހޭ ފަރާތްތައް ކޮމިޝަނަށް ޙާޟިރުކުރުމާއި ހެކިބަސް ހޯދުން؛
  • (ޅ) މައްސަލަތަކާ ގުޅޭގޮތުން އަޑުއެހުންތައް ބޭއްވުމަކީ މުހިންމުކަމެއް ކަމަށް ކޮމިޝަނަށް ފެނިއްޖެނަމަ، އަޑުއެހުންތައް ބޭއްވުން؛
  • (ކ) ކޮމިޝަނުން ބާއްވާ އަޑުއެހުމަކަށް ނުވަތަ އަޑުއެހުމުން ބަޔަކަށް ޢާންމުންނަށް ވަދެވޭނެކަމަށް ނުވަތަ ނުވަދެވޭނެކަމަށް ކަނޑައެޅުން.