އިންޓެގްރިޓީ ޑޭ ރަން 2026
މިއަހަރުގެ ގްލޯބަލް އިންޓެގްރިޓީ ޑޭ ފާހަގަ ކުރުމުގެ ގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން އިންޓެގްރިޓީ ރަން ގެ ނަމުގައި ޚާއްޞަ ދުވުމެއް ބާއްވައިފިއެވެ. ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި ކޮމިޝަންގެ މަސައްކަތާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ދުވުން އޮތީ 12 ޖޫން 2026 ވީ ހުކުރު ދުވަހު އެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ބައެއް މަގު ތަކުގައި ބޭއްވުނު މި ދުވުމުގައި ޖުމްލަ 217 ބައިވެރިން ބައިވެރިވެފައި ވެއެވެ. ހުކުރު ދުވަހު ހެނދުނު 6:00 ން 9:00 އަށް ކުރިއަށްގެންދެވުނު މި ޙަރަކާތުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިސް ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި އެ އިދާރާތަކުން މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން މިޙަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވި އިސް ބޭފުޅުންގެތެރޭގައި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، އިބްރާހީމް މަފާޒާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، ޢާޞިމް ޢަބްދުﷲ އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙްމަދު ޞަބާޙް ހިމެނިވަޑައިގަންނަވައެވެ.
މި ޙަރަކާތް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ، ޤާނޫނު ތަންފީޒުކުރުމުގައި ނަޒާޙަތްތެރިވުމާއި، މަސައްކަތުގައި އިޚްލާޞްތެރިވުމާއި، އިންޓެގްރިޓީ އިސްކުރުމުގައި ތަންފީޒީ އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ބާރުއަޅައި އެކަމަށް ހޭލުންތެރިކުރުމެވެ.
މި ޙަރަކާތުގެތެރޭގައި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބައިވެރިންގެ އަތުގުޅާލުމަކާއި، އަޅުގަނޑުމެންނަކީ ތެދުވެރި އަދި އަމާނަތްތެރި ބަޔަކަށްވުމަށް ޢަޒުމް އާކުރުމުގެ ގޮތުން އެކަމަށްޓަކައި ތައްޔާރުކުރެވިފައިވާ ޚާއްޞަ ބެނާއެއްގައި ބައިވެރިން ސޮއިކުރުން ވެސް ކުރިއަށް ގެންގޮސްފައި ވާކަން ފާހަގަ ކޮށްލެވެއެވެ.